ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން، އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށް، ހަނދާނީ ފޮތެއް ނެރެފިއެވެ. މި ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙްކޮށް ހަނދާނީ ފޮތް ނެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އަލަށް އިފްތިތާޙްކުރެވުނު ވެބްސައިޓަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކު މަޢުލޫމާތާއި ލިޔެކިޔުންތައް ބެލޭނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ އެންމެ ޚާއްޞަ ސިފައަކީ ޤާނޫނީ މަޢުލޫމާތު ފޯރުކޮށްދޭ އަރޓިފިޝަލް އިންޓެލިޖެންސް ފީޗަރ އެކުލެވިގެންވުމެވެ.
އޭ.އައި. ފީޗަރގެ ޒަރީއާއިން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކުގައިވާ މުހިންމު ބައިތައް ވެބްސައިޓުން ހޯދޭނެއެވެ. އަދި ވަކި ސުރުޚީއަކާ ގުޅޭގޮތުން ޤާނޫނުތަކުގައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިއީ ސަރުކާރުގެ އިދާރާއެއްގެ ވެބްސައިޓެއްގައި އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ޤާނޫނީ މަޢުލޫމާތު ޗެޓުގެ ޒަރީޢާއިން ލިބޭނެގޮތް މަގުފަހިކުރެވުނު ފުރަތަމަ ފަހަރެވެ.
އޭޖީ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، އޭ.އައި. ޗެޓަކީ އަދިވެސް ކަންކަން ދަސްކުރަމުންދާ ފީޗަރއެއް ކަމަށްވާތީ، މުސްތަޤްބަލުގައި އިތުރު މަޢުލޫމާތާއެކު ޤާނޫނީ ސުވާލުތަކަށް ތަފްޞީލީ ފުރިހަމަ ޖަވާބުތައް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި ނެރެވުނު ހަނދާނީ ފޮތުގައި ބަންޑާރަނައިބުގެ އޮފީހުގެ ފާއިތުވެދިޔަ އަހަރުތަކުގެ މަސައްކަތްތަކާއި، ޚިދުމަތްކުރެއްވި ބޭފުޅުންނާއި، އަދި ކޮށްދެއްވާފައިވާ ޚިދުމަތްތައް ތަފްޞީލީކޮށް ހިމަނާފައިވެއެވެ. މި ރަސްމިއްޔާތުގައި ކުރީގެ ބަންޑާރަނައިބުންނާއި، އެ އޮފީހަށް އެކި ދުވަސްވަރު ޚިދުމަތްކުރެއްވި ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

