ބަންޑާރަނައިބުގެ އޮފީހުގެ 75 އަހަރު، އަލިމަސްޔުބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި، އެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ 36 ބޭފުޅަކަށް ޚާއްސަ އިނާމު ދެއްވައިފިއެވެ.
އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި 15-20 އަހަރު ޚިދުމަތްކުރައްވާފައިވާ 22 ބޭފުޅުންނާއި، 20-25 އަހަރަށް ޚިދުމަތްކުރައްވާފައިވާ 5 ބޭފުޅުން އަދި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ 9 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 7 ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އިދާރީ މަޤާމުތަކާއި، ސަޕޯޓް ސްޓާފުގެ މަޤާމުތަކާއި، ހިއުމަން ރިސޯސް، ކޮމްޕިއުޓަރ ޓެކްނިޝަން، ޑިރެކްޓަރ އަދި ޕްރޮކިއުމަންޓް ފަދަ އެކި ދާއިރާތަކުން ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި ބާކީ ތިއްބެވި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙުމަދު އުޝާމެވެ.
މި ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހަށް ޚިދުމަތްކުރައްވައި، ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ ހަނދާންވެސް އާކުރެވުނެވެ. އަދި ކުރީގެ ބަންޑާރަނައިބުންނާއި، މިހާރުގެ މުވައްޒަފުންނާއި މި ދާއިރާއިން ޚިދުމަތްކޮށްދެއްވާފައިވާ ގިނަ ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
މި އިނާމަކީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތަކާއި ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް، އެ ބޭފުޅުން ކުރައްވާފައިވާ މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި ދެއްވި ޚާއްސަ އިނާމެކެވެ.

