މަދިރިއާއި ހިންޏާއި ކުރަފިފަދަ ސޫފާސޫފިން ރައްކާތެރިވުމަށް ގިނަ ބަޔަކު ބޭނުންކުރަނީ ކެމިކަލް އެކުލެވޭ ބާވަތްތަކެވެ. ނަމަވެސް މިފަދަ ކެމިކަލްތަކަކީ އިންސާނުންގެ ސިއްހަތަށް ގެއްލުންހުރި އެއްޗެއްސެވެ. އެހެންކަމުން، ގުދުރަތީ ގޮތުން ލިބެންހުރި ތަކެތި ބޭނުންކޮށްގެން މިފަދަ ސޫފާސޫފިން ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ކޮފީ، ކަރަންފޫ އަދި ލުނބޯއަކީ މިފަދަ ސޫފާސޫފި ދުރުކުރުމަށް ބޭނުންކުރެވިދާނެ އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރި ގޮތްތަކުގެ ތެރެއިން ހިމެނޭ ތަކެއްޗެވެ.
ކަރަންފުލަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެއްޗެކެވެ. ކެއްކުމުގައި ބޭނުންކުރުމުގެ އިތުރުން، ބޭސްވެރިކަމުގައިވެސް ކަރަންފޫ ބޭނުންކުރެއެވެ. ކަރަންފުލުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ގެއްލުންދޭ ފްރީ ރެޑިކަލްސްއާ ދެކޮޅަށް މަސައްކަތްކުރެއެވެ. މީގެ އިތުރުން ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ބައެއް ކެންސަރު ބަލިތައް ޖެހުމުގެ ނުރައްކާވެސް ކުޑަކުރެއެވެ.
ކަރަންފުލާއި ލުނބޯ އެއްކޮށްގެން ސޫފާސޫފި ދުރުކުރުމަށް ބޭނުންކުރެވޭ އެންމެ ފަސޭހަ ގޮތަކީ ލުނބޯ ދެފަޅިކޮށް، އޭގެ ތެރޭގައި 8-12 ކަރަންފޫ ހަރުކުރުމެވެ. މިގޮތަށް ތައްޔާރުކޮށްފައި ގޭގެ ދޮރާއި ކުޑަދޮރު ކައިރީގައި ބެހެއްޓުމުން ލުނބޯ އާއި ކަރަންފުލުގެ ވަހުގެ ސަބަބުން މަދިރިއާއި އެހެނިހެން ސޫފާސޫފި ދުރުވެގެން ދާނެއެވެ. ނަމަވެސް މިގޮތަށް ބަހައްޓާ ލުނބޯ ދެތިން ދުވަހުން އައު ކުރަންޖެހެއެވެ.
ކޮފީ އާއި ކަރަންފޫ އެއްކޮށްގެން ދުން އުފެއްދުމަކީވެސް ސޫފާސޫފި ދުރުކުރުމަށް ބޭނުންކުރެވިދާނެ ރަނގަޅު ގޮތެކެވެ.
- 6 ސަމުސާ ކޮފީ ތަށްޓަކަށް އަޅައި އެކޮފީގެ ތެރެއަށް 12 ވަރަކަށް ކަރަންފޫ އަޅާށެވެ. އަދި ކުޑަ ހަނި ފޮތިކޮޅަކުން ނޫނީ އުއިރޮދިފަށްތަކަކުން ވިޔަސް ފީތާއެއް ހަދައި އެފީތާ ކޮފީގެ ތެރެއަށް ލައި ހަމަޖައްސައި ހަރުލެއްވުމަށްފަހު އަޅަައި، އެފީތާ ރޯކޮށްލުމަށްފަހު ނިއްވާލުމުން އޭގެއިން ދުން އުފެއްދިދާނެއެވެ. މިގޮތަށް އަރާ ދުމުގެ ވަހަށް ކުރަފިފަދަ، އަދި މަދިރިފަދަ ގޭތެރޭގައި އުދުހޭ ސޫފިތައް ދުވެފިލައި، ގޭތެރޭގައި މީރުވަސް ދުވާނެއެވެ. ހަމައެހެންމެ ކެމިކަލް އެކުލެވޭ ސްޕްރޭތަކުގެ ނުރައްކާތެރި ވަހުންނާއި، އެފަދަ ތަކެތި ބޭނުންކުރުމަށްފަހު ކޮޓަރިއަށް ނުވަދެވި މަޑުކުރަންޖެހޭ ވަގުތުން ސަލާމަތްވެވޭނެއެވެ.
މަދިރިދުންދަނޑިއާއި ކަރަންފޫ އެއްކޮށްގެން ތައްޔާރުކުރެވޭ ސްޕްރޭއަކީވެސް ތިމާވެށްޓާ ރައްޓެހި، ހިނިހޮރުތަކާއި ހިނިން ސަލާމަތްވުމަށް ބޭނުންކުރެވިދާނެ ރަނގަޅު ހައްލެކެވެ. ކަރަންފުލުގެ ތެލަކީ މަދިރި، ކުނި، ވަސްޕް، މޮތު އަދި އެހެނިހެން ގިނަ ސޫފާސޫފި މަރާ ގުދުރަތީ އެއްޗެކެވެ. އަދި މީގެ އިތުރުން ކަރަންފުލުގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމަށް އެހީތެރިވުމާއި، ދިފާޢީ ނިޒާމު ވަރުގަދަކުރުމާއި، ހަކުރުބަލި ކޮންޓްރޯލްކުރުމާއި، އަނގައިގެ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ބޮލުގައި ރިއްސުމަށް ފަރުވާދިނުމާއި، ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
މަދިރިދުންދަނޑިއާއި ކަރަންފޫ އެއްކޮށްގެން ތައްޔާރުކުރެވޭ ސްޕްރޭ ތައްޔާރުކުރާނެ 2 ގޮތަކީ:
- މަދިރި ދުރުކުރުމަށް ދުންދަޑި ކުދިކުދި އެތިކޮޅުތަކަށް ކޮށައި، ތަށްޓަކަށް އަޅައި، އޭގެ ތެރެއަށް 10-12 ވަރަކަށް ކަރަންފޫ އަޅަންވާނެއެވެ. މިއަށްފަހު ވިނެގާ ނުވަތަ ކޯލާވޯޓަރު (ބޭބީ ނޫން އެހެން ބާވަތެއްގެ) އަޅަންވާނެއެވެ. މި މިކްސްޗަރ ތައްޔާރުކުރުމަށްފަހު މަތިބަންދުކޮށް 6-7 ގަޑިއިރު ވަންދެން ބަހައްޓަންވާނެއެވެ. އޭގެފަހުން މަތި ނަގައި ކުލައަށް އައިސްފައިވާ ބަދަލު ބަލަންވާނެއެވެ. މި މިކްސްޗަރ ބަހައްޓަންވާނީ ކުޑަދޮރު ކައިރި ނުވަތަ ހިނީގެ އުނދަގޫ ލިބޭ ސަރަޙައްދުތަކުގައެވެ.
- މި މިކްސްޗަރ ފުރޭނުމަށްފަހު ސްޕްރޭކުރެވޭފަދަ ފުޅިއަކަށް މިދިޔާކޮށް ހުރި މަދިރިދުންދަޑިއާއި ކަރަންފުލުގެ ފެން އަޅާށެވެ. ހިނީގެ އުނދަގޫ ލިބޭ ތަންތަނާއި ގޭތެރޭގެ އެހެނިހެން ސަރަޙައްދުތަކަށް ސްޕްރޭ ކުރެވިދާނެއެވެ. މިގޮތަށް ބޭނުންކުރުމުން އެއްވެސް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ނުވާނެކަން ޔަގީނެވެ.
ޑެންގޫ އާއި މެލޭރިއާ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގައި މަދިރިގެ ދައުރު ވަރަށް މުހިންމެވެ. އެހެންކަމުން މަދިރިއާއި އެހެނިހެން ސޫފާސޫފިން ރައްކާތެރިވުމަށް ކޮފީ، ކަރަންފޫ އަދި ލުނބޯ ފަދަ ގުދުރަތީ ތަކެތި ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ސިއްހަތަށާއި ތިމާވެށްޓަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ގުދުރަތީ ތަކެތި ބޭނުންކުރުމުން ކެމިކަލް އެކުލެވޭ ތަކެތީގެ ނުރައްކާތެރިކަމުން ސަލާމަތްވެ، އަޅުގަނޑުމެންގެ ދިރިއުޅުން އިތުރަށް ރައްކާތެރި ކުރެވިގެންދާނެއެވެ.


