ސްޓޫޑެންޓް ލޯނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ މަތީ ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.06 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާއިރު، އޭގެތެރޭގައި ހިމެނެނީ، 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ. ހަމައެއާއެކު، މިއަހަރު ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަމަށާއި މީގެތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނޭކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިއަން ރުފިޔާ އާއި ފަސްޓް ޑިގްރީ ސްކީމްގެ ދަށުން 267 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

