ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް "ކަމަނާ" އުފެއްދި ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" ތިނަދޫ ސިޓީގައި ކާމިޔާބު ދެ ޝޯވ އެޅުވުމަށް ފަހު އަނެއްކާވެސް އިތުރު ޝޯވ އެއް މި ހަފްތާ ބަންދަށް ހުޅުވާލައިފިއެވެ.
ސެޓާން ސްޓޫޑިއޯ އިން ބުނިގޮތުގައި ނިމިދިޔަ ހަފްތާ ބަންދުގައި ތިނަދޫގައި ކާމިޔާބު 2 ޝޯވ ދައްކާފައިވީ ނަމަވެސް، މިހަފްތާ ބަންދާއި ދިމާކޮށް އިތުރު ޝޯއަކަށް ހުޅުވާލީ ތިނަދޫ ސިޓީގެ ގިނަ ބަޔަކު އިތުރު ޝޯއެއް އެޅުވުމަށް ރިކުއެސްޓް ކުރަމުން ދާތީ ކަމަށެވެ.
ތިނަދޫ އަށް ފޮނުވިފައިވާ ހުރިހާ ޓިކެޓެއް ވިކި ހުސްވެ، ޓާގެޓް ކުރިއަދަދަށް ވުރެ އިތުރަށް ގޮޑި ޖަހައިގެން އޯވަރ ހައުސްފުލް 2 ޝޯވ ވަނީ ދައްކާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ތިނަދޫ ސިޓީގައި އެޅުވުނު ފިލްމް ތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ފިލްމް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ތިނަދޫ ސިޓީގެ ބޮޑު ހިއްސާއެއް އޮންނަ ސެޓާން ސްޓޫޑިއޯއިން ދައްކަމުންދާ އެ ސްޓޫޑިއޯގެ ފިލްމް "ކަނބުލޮ" ތިނަދޫ ސިޓީގައި ދެން އަޅުވާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އަދި މި ޝޯވގެ ޓިކެޓް ހޮޓްލައިން ނަންބަރަކީ 7761864 އެވެ.
މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑު 2 ޝޯވ އާއި ދުވާލު ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، ނިމިދިޔާ ހަފްތާ ބަންދުގައި އެކަނިވެސް މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން 56 ޝޯވ އަޅުވައެވެ.
ސެޓާން ސްޓޫޑިއޯއިން މައުލޫމާތުދޭ ގޮތުގައި، އޮލިމްޕަހުގައި ގިނަ ޝޯތަކެއް އެޅުވުމަށް ތާވަލުކޮށްފައިވާ މި ފިލްމް ގެ ޑިމާންޑު ބޮޑުވެ، ހަފްތާ ބަންދާ ދިމާކޮށް ދަންވަރުގެ ޝޯވތައް ހުޅުވާލައިފައިވީ ނަމަވެސް، އެ ޝޯތައްވެސް ފުލް ވެފައިވާތީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ޝޯއެއް އެޅުވުމަށް ޓީމުން ވަނީ ނިންމާފައެވެ. އަދި މި ޝޯގެ ޓިކެޓް މިއަދު 13:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެއެވެ.
މިފިލްމްގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯވތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.
"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

"ކަނބުލޮ" ފިލްމުގެ މަންޒަރެއް… ފޮޓޯ: ސެޓާން ސްޓޫޑިއޯ
މިފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރ ހުސެން މުނައްވަރުއެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް "ކަމަނަ" ފިލްމުގެ ޕްރޮޑިއުސާރ އަލީ ޝާނިޒް މުހައްމަދުއެވެ.

