ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.
އެކި މަސައްކަތްކުރުމަށްޓަކައި ގެންނަ ބިދޭސީންގެ އަތުން ބޮޑު ޢަދަދުތަކުން ޑިޕޮސިޓްނެގުމަށްފަހު، ރާއްޖެއަށް ގެނެސް އެމީހުން ދޫކޮށްލާ މައްސަލަވަނީ ބޮޑުވެފަވާއިރު، ނިޒާމުގެ ތެރެއަށް އެމީހުންދޫކޮށްލާއިރު، ގިނަ ފަހަރަށް އެމީހުންގެ ރަސްމީ ލިޔެކިޔުންތައް ނުދިނުމުގެ ސަބަބުން، ނިޒާމުގައި އެމީހުން ހިމެނިގެންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހުންގެ ލިސްޓުގައެވެ.
މިމަހުގެ 15 އިން ފެށިގެން ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ނިންމަވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ނުހިމެނޭކަމެއްނަމަ، ވަޒީފާ ދޭ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީބުނެފައެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުންވަނީ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް މީހުން ނިޒާމަށް ފެއްތުމުގެ މަސައްކަތް ފައްޓަވާފައެވެ. ހަމަމިއާއެކު ނިޒާމުގެ ތެރޭގައި ތިބި ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސާ އެފީތައް ދައްކަމުން ނުދާ ފަރާތްތައް އެކްސްޕެޓް ޕޯޓަލްގެ ތެރެއިންވަނީ ސަސްޕެންޑުކޮށް ޚިދުމަތް ނުލިބޭގޮތަށް ހަދާފައެވެ.

