ދިވެހިރާއްޖެ ސަލާމަތް ކުރުމަކީ ހަމައެކަނި ހުރި ވިސްނުންފުޅު ކަމަށް ކުރީިގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދާދިދެންމެއަކު ޓްވީޓެއް ކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް އައު އިއްތިހާދެއް ބޭނުންވާ ކަމަށާއި އެ އިއްތިހާދަކީ އިންޑިއާ އައުޓްއޭ ނުގޮވާ އިއްތިހާދެއްކަމަށްވެސް ނަޝީދު ގެ ޓްވީޓާގައި ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީ އަށް އައު އިއްތިހާދެއް ބޭނުން. އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާމް ނުކުރާ، ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް" – ރައީސް ނަޝީދު
ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ވެސް އެމަނިކުފާނުގެ ޝަރުތުތަކަށް ތާއިދު ކުރައްވާނެ ކަމަށެވެ. "ރާއްޖެ އަފްޣާނިސްތާންގެ ހާލަތައް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ." ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކު ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު އިއްޔެ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި ވެސް ނަޝީދު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ޔާމީނާއި ޕީޕީއެމްގެ ތާއީދު ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަން ނަޝީދު އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ.

