ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އައުޓްރީޗް ކެމްޕަސްއެއް ހއ. އިހަވަންދޫގައި ޤާއިމްކޮށްފިއެވެ.
މި ކެމްޕަސް ޤާއިމްކުރެވިފައިވަނީ އިހަވަންދޫ ކައުންސިލުން އިސްނަގައިގެން އެމްއެންޔޫއާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެއްގެ ދަށުންނެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވި ގޮތުގައި އިހަވަންދޫއަކީ ޒަމާނުއްސުރެ ތައުލީމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ރަށެއްކަން ތާރީޚުން އެނގެން އޮތް ކަމަށާއި، އިހަވަންދޫ ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިކަމުގެ ހެއްކެކެވެ.
މި ކެމްޕަހުގައި ކޯސްތައް ހިންގުމުގެ އިތުރުން ދިރާސާތައް ކުރެވި، ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ. އަދި މި ކެމްޕަހުގެ ސަބަބުން މުޅި އިހަވަންދިއްޕޮޅަށް ތައުލީމީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އިހަވަންދޫ ރައްޔިތުން ޒަމާނުއްސުރެ ބޭނުންވެފައިވާ ކަމެކެވެ. މި އިމާރާތް އެޅުމަށް ކައުންސިލް ބަޖެޓުން 13 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މިއީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިމާރާތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފައިވަނީ 35 އަހަރުގެ މުއްދަތަށެވެ. އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހުއެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރާއި، އެމްއެންޔޫގެ ޗާންސެލަރ އަދި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

