ރ. މާކުރަތުގައި އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަންގެ އިމާރާތް ރާނާ ނިންމާލުމަށްފަހު، ފުރާޅު އެޅުމާއި ބައުންޑްރީ ވޯލް ރޭނުމުގެ މަސައްކަތްން ފަށައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިގޮތުން އިމާރާތުގެ ބައި ރާނާ ނިމިފައިވާއިރު، މިވަގުތު ދަނީ ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށެވެ. އަދި ބައުންޑްރީ ވޯލް ރޭނުމަށްޓަކައި ކޮންކްރީޓް އަޅައި، ތަނބު ޖެހުމުގެ މަސައްކަތަށް ތައްޔާރުވަމުން ދާކަމަށް އެ ކުންފުނިން ބުނެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބިންގާ އެޅި މި ޕޮލިސް ސްޓޭޝަނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ސްޓޭޝަނެކެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 21 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތެވެ.
ރައީސް މުޢިއްޒު ހުވާކުރެއްވި އިރު، ރާއްޖޭގެ 72 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައި ނެތްކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ.
މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި، ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ.

