ރައީސް އޮފީހުގެ ގްރީން ޒޯނުގައި ނޫސްވެރިންނަށް ޚާއްސަކޮށްގެން ޤާއިމުކޮށްފައިވާ “މީޑިއާ ފެންޑާ” މިއަދުން ފެށިގެން އުވާލައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެތަނުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދިއުމުގެ ސަބަބުންނެވެ.
ރައީސް އޮފީހުން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، “މީޑިއާ ފެންޑާ” އަކީ މެއި 29 ގައި ގާއިމުކޮށްފައިވާ ތަނެއް ކަމަށާއި، މިއީ ރައީސް އޮފީހާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވުނު ތަނެކެވެ.
އެ އޮފީހުން ފާހަގަކުރި ގޮތުގައި، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ނުހޯދާ ބަޔަކު އެތަނަށް ވަދެ، އާންމު މަސްލަހަތު ގެއްލޭފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންގޮސްފައިވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތަށް ހުރަސްއެޅުމާއި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ހުއްދަ ލިބިފައިވާ ނޫސްވެރިންނަށް އެތަނުގައި މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާ ލިބެމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
“މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހައި ދުވަހުވެސް ހާސިލުވަމުން ނުދާތީ” އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެހެން ގޮތަކަށް ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

