ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދޫކުރުމުގެ ސްކީމަށް އެދި ހުށަހެޅުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއްގެ ދަށުން ތައާރަފުކުރާ މި ސްކީމަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސްކީމެކެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ.
"މި ލޯން ސްކީމްގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
މި ސްކީމް ފަރުމާކޮށްފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ-ވީޑިއޯ އަދި އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާތަކަށް އަމާޒުކޮށްގެންނެވެ.
ކްރިއޭޓިވް އިކޮނޮމީ ފަންޑް
މީގެ ކުރިން، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިދިޔަ އަހަރު ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ގާއިމްކޮށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) މެދުވެރިކޮށް އެ ފަންޑުގެ އެހީ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ފަންޑުގެ ދަށުން މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް 50,000 ރުފިޔާއިން ފެށިގެން 300,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވެއެވެ.
އެ ފަންޑަށް ކުރިމަތިލެވޭނީ ކުދި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ނުވަތަ ބީސީސީގައި އަމިއްލަ މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތަކަށެވެ.

