ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހުނު ދިވެހި ޒުވާނާ، ބ. ތުޅާދޫ، ބީޗްހައުސް އިބްރާހިމް ފަޔާޒް (35 އަހަރު) މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަޔާޒް ފިހިފައިވަނީ އޭނާ މަސައްކަތްކުރަމުންދިޔަ ފެކްޓަރީގައި ދިމާވި ހާދިސާއެއްގައެވެ.
ދައުލަތުގެ މީޑިއާއަށް އާއިލާއިން ދެއްވި މައުލޫމާތުކަމަށް އެމީޑިއާއިން ހާމަކޮށްފައިވާ ގޮތުގައު މި ހާދިސާގައި ފަޔާޒްގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ ތިން ޑިގްރީއަށް ފިހިފައެވެ. ހާދިސާ ހިނގުމާއެކު ފަޔާޒް ވަނީ މިއުނިކްގެ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރަށް ލާފައެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސްކޮށް ދިޔަ ނަމަވެސް، ފަހުން ހާލު ރަނގަޅުވާން ފެށުމާއެކު ވެންޓިލޭޓަރުން ނަގައި، ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.
ނަމަވެސް ހުކުރު ދުވަހު ފަޔާޒްގެ ހާލަތު އަލުން ސީރިއަސްވެ، ފަރުވާ ދެމުންދަނިކޮށް މިއަދުގެ މެންދުރު ހާއިރު ވަނީ ނިޔާވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

