ސްކޭމާ ދެކޮޅަށް މާފުށި ޖަލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 33 މޯބައިލް ފޯނާއި އެހެނިހެން ގުޅުންހުރި ތަކެތި އަތުލައިގަނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަޙުޤީޤުތަކުން، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ.
އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނުގެ އިތުރުން، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ވަނީ ފެނިފައެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށެވެ.
ސްކޭމް މައްސަލަތައް މަދުކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

