ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
މި ސަމިޓަކީ މި މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ބަޔާނެއް އިއްވަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުމުގެ ހެއްކެކެވެ. އަދި ހަމައެހެންމެ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ބާރުގަދަ ރަމްޒެކެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ އިސްވެރިން މި މުހިންމު ދަނޑިވަޅުގައި އެއްތަންވުމަކީ، މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެކެވެ. މީގެއިތުރުން، އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް މި ސަމިޓުން މަގުފަހިވެގެންދާނެއެވެ.

