އދ. މަހިބަދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް، ރަށުގެ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
22.3 ހެކްޓަރުގެ ބިމެއްގެ މައްޗަށް އެކުލެވޭ މަހިބަދޫއަކީ 2,700 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި، މިވަގުތު އެރަށުގައި ގާތްގަނޑަކަށް 2,000 މީހުން ދިރިއުޅެމުންދާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ މި ރަށަކީ މިހާރު އެއްކޮށް އާބާދުވެފައިވާ ރަށެއް ކަމަށާއި، ރަށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބިން ނެތިގެން ބޯހިޔާވަހިކަން ނުލިބިވާ ރައްޔިތުން އިތުރުވެފައިވުން ކަމުގައި ވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 7 ހެކްޓަރު (87,297.48 އަކަ މީޓަރު) ގެ ބިން ހިއްކުމާއި، 737 މީޓަރުގެ ދިގުމިނުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ގާ އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ކަމަށާއި، މަޝްރޫޢު ނިމުމުން މަހިބަދޫގެ ގޮނޑުދޮށްތައް ހިމާޔަތްވެ، ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުޙައްމަދު މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށާއި، އެހެންކަމުން ރަށްތަކުން ބިން ހިއްކެން އޮތްވަރު ބަލައި ބިން ހިއްކުމުގެ މަޝްރޫޢުތައް ދަނީ އެމްޓީސީސީއާ ހަވާލުކުރަމުން ކަމަށް ވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫޢުތަކާއެކު، ރަށްރަށުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ވެސް އެމްޓީސީސީން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.

