"ސިވިލް ސަރވިސް ކޮމިޝަން" ސީއެސްސީގެ ރައީސާއި ނައިބު ރައީސް އަދި "ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް" އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ސީއެސްސީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އަދި އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
ރައީސް ވަނީ ސީއެސްސީއަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. އަދި ސީއެސްސީގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ރައީސް ވަނީ އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
ސީއެސްސީގެ ރައީސާއި ނައިބު އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު އެޗްއާރުސީއެމްގެ ނައިބު އައްޔަންކުރެއްްވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.

