ޤައުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތުގައި ދެމިތިބުމުގެ އަޒުމު އައު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ކަންކަން ނިންމުމުގެ ހުރިހާ މަރުހަލާއެއްގައި އެންމެހައި ދިވެހިންގެ ބައިވެރިވުން އޮތުމާއެކު، ހުރިހާ ރައްޔިތުންގެ އަޑު އަހައި، އެ ހިޔާލުތަކުގެ އަގުވަޒަންކުރެވޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑިމޮކްރަސީގެ އަގުތަކާމެދު ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވަނީ ދުނިޔޭގައި އަމިއްލަ މުސްތަގިއްލު ދައުލަތެއް ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ފަލަސްތީނު މީހުންނަށް ލިބެންޖެހޭ އަމިއްލަ ވެރިކަމެއް ހިންގުމުގެ އަސާސީ މިނިވަންކަމުން އެމީހުން މަހުރޫމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑިމޮކްރަސީގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަން އދ. ގެ އާންމު މަޖިލީހުން ނިންމީ 2007 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް އަގުތަކާމެދު ހޭލުންތެރިކަން އުފައްދައި، ޑިމޮކްރަސީ ދިރުވައި އާލާކުރުމެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 15 ގައި މި ދުވަސް ފާހަގަކުރެއެވެ.

