އެ މީހެއްގެ ޒިންމާ އަދާކުރަން އެބަޖެހޭ ކަމަށާއި، ޒިންމާ އަދާކޮށްގެން ނޫނީ އެ ބޭނުންވާ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ނުވަތަ ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބުދުއްރަހީމް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އަބުދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން އެފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް އެއް މޭޒަކަށް އެރެން ޖެހޭނެ ކަަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާވިވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާކުރެވޭ ވަރަކުންކަމަށާއި، ފުރިހަމަ ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށް ކަމަށެވެ.

