ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމަށް މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސްކަމަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ސީއެސްސީގެ ރައީސްކަމަށް މުޖުތާޒު އައްޔަންކުރުމަށް ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނައިބު ރައީސްކަމަށް ނާސިހު އައްޔަންކުރުމަށް ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.
ސީއެސްސީގެ އައު ރައީސް މުހައްމަދު މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ.
ނައިބު ރައީސްކަމަށް އައްޔަންކުރެވުނު މުހައްމަދު ނާސިހަކީ 2020 އިން ފެށިގެން ސީއެސްސީގެ ރައީސްކަން ކުރައްވަމުން އައި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން 28 އަހަރުގެ ތަޖުރިބާ ހުރި ނާސިހަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަޕޫލްއިން މާސްޓަރސް އޮފް އިންޖިނިއަރިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ސީއެސްސީއަށް އައްޔަންކުރެވުނު އިރު އޭނާ ހުންނެވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ.
ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން، ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި، ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މި ދެ މަޤާމަށް މުޖުތާޒާއި ނާސިހުގެ ނަން ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

