ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެމްބަރު މުހައްމަދު ޝަފީގް މަހްމޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ޝަފީގް އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ އަށްވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެ މަތިން، އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް ޝަފީގްގެ ނަން ހުށަހަޅުއްވާފައިވާ ކަމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ތަޅުމުން ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ. އަދި ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މިއަދު އެ މައްސަލައަށް ވޯޓަށް އަހާފައިވެއެވެ.
މަޖިލީހުގެ ވޯޓުގައި ޝަފީގް އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް 67 މެންބަރުން ވޯޓުދެއްވާފައިވާއިރު، ނުފެންނަ ކަމަށް ވޯޓުދެއްވާފައިވަނީ އެންމެ މެންބަރެކެވެ.

