އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން، ގިނިސް ވަރލްޑް ރިކޯޑް ފޮތުން ޖާގަހޯދުމަށް ރާއްޖޭގައި ހަރަކާތެއް ބޭއްވުމަށް ބ.އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ތައްޔާރުވެއްޖެއެވެ.
“ބާނި” ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅުގައެވެ. 1000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެކަމަށް ލަފާކުރެވޭ މި ހަރަކާތުގެ ތެރެއިން މި ސަރަހައްދުގެ ފަރުގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.
ބ.އޭދަފުއްޓާ 10 މިނެޓް ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރުދޫނި ޖަމާވާ ފިނޮޅެކެވެ. އަދި މި ފިނޮޅުގެ ފަރަކީ ތަފާތު ބާވަތުގެ މުރަކައާއި މަސްމަހާމެހިން މުއްސަނދި ފަރެކެވެ. މި ސަބަބާހުރެ، މިއީ ރާއްޖޭގެ މުއްސަނދިކަން ދައްކާލުމަށް އެންމެ އެކަށީގެންވާ އެއް ސަރަޙައްދުކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި މި ހަރަކާތަކީ ހަމައެކަނި ރިކޯޑެއް މުގުރާލުމުގެ ހަރަކާތެއްގެ އިތުރުން، ދުނިޔެއަށް ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ތަފާތުގޮތަކަށް ދައްކާލުމަށް ލިބޭ ފުރުސަތެކެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި، އިކޯ-ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބ.އަތޮޅު ކައުންސިލުން ތައްޔާރުކޮށްފައިވާ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ހަރަކާތް އޮންނަ ދުވަހު ވިލިގިލިފަރު ފިނޮޅަށް ދަތުރުކުރުމުގެ އިންތިޒާމު ބ.އަތޮޅުގެ ހުރިހާ ރަށަކުންވެސް ހަމަޖެހިފައިވާކަމަށް އަތޮޅު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

