ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގަންނަވާއިރު، ޓައި އަޅައިގެން ވަޑައިގަތުމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ޓައި ނާޅުއްވާ ވަޑައިގަތުމާ ގުޅިގެން، ރިޔާސަތުން އެކަން ފާހަގަކުރައްވައި، އެފަދައިން ނުކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާއަކީ މެންބަރުންގެ ރަސްމީ މަސައްކަތުގެ ގަޑިއެކެވެ.
"އެ ގަޑީގަ އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ ރަސްމީ ހެދުން ކޮޅުގަ. ރަސްމީ ހެދުން އަޅުގަނޑުމެން މި މާނަ ކުރަނީ ޓައިއާ އެކީގަ،" މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ
އަދި މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމު ކަމެއްކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތަކަށް ރަސްމީކޮށް ހެދުން ތުރުކުރުމަކީ ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލެއްކަމަށާއި، މަޖިލީހުގެ ގަވާއިދުގައި ނެތް ކަމެއް ދިމާވުމުން ބަލާނީ މަޖިލީހުގެ ނިންމުންތަކާއި އަމަލުކުރަމުން އަންނަ އުސޫލުތަކަށްކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. އަދި މެންބަރުން މި އުސޫލާ ހިލާފުވާނަމަ ރިޔާސަތުން އެކަމާމެދު ގޮތެއް ނިންމަންޖެހިދާނެކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހެދުން ތުރުކުރައްވާނެ އުސޫލު ލިޔުމުން އެކުލަވާލުމަށްޓަކައި މި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.

