ސިވިލް ސަރވިސް މުވައްޒަފެއްގެ ޢާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާކުރާނަމަ ޗުއްޓީ ލިބޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހު ކޮށްފި އެވެ. މި އިސްލާހާ އެކު، ޢާއިލާ މީހަކު ދާއިމީ ބައްޔަކަށް ނުވަތަ ގިނަ ދުވަހުން ފަސޭހަވާ ބައްޔެއްގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކުގައި މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ލިބިގެންދާނެއެވެ.
އައު އިސްލާހުގެ ދަށުން، އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ “ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ” އެއް ލިބިދެވޭނެއެވެ. މި ޗުއްޓީ ލިބޭނީ މުވައްޒަފުގެ މައިންބަފައިން، އަނބިން ނުވަތަ ފިރިން، ދަރިން، އެއްބަނޑުއެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުން އަދި ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކަށް ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ނުވަތަ ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހޭ ހާލަތްތަކުގައެވެ.
ޗުއްޓީއަށް އެދި ހުށަހަޅާއިރު، ބަލީގެ ބާވަތާއި ފަރުވާއަށް ބޭނުންވާ މުއްދަތު ބަޔާންކޮށް، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި މި ޗުއްޓީ ދޫކުރެވޭނީ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިންނެވެ.
މީގެއިތުރުން، އައު އިސްލާހުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭނެ އިތުރު ހާލަތެއްވެސް ހިމަނާފައި ވެއެވެ. އެގޮތުން، މުވައްޒަފަކަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދުން ހިމެނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ބަޔާންކޮށް ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެވުނު 13 ވަނަ އިސްލާހަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި އިސްލާހަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޢާއިލާތަކަށް ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

