ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދު އުވާލައި، މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި އިސްލާހާއެކު، ކުރިން ގަވާއިދުގެ 145 ވަނަ މާއްދާގައި އޮތް، ކާކުކަން ނޭނގޭ ފަދަ ހެދުން އެޅުން މަނާކުރާ މާއްދާ ވަނީ އުވާލެވިފައެވެ.
“އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާއިން މަހްރޫމްކުރި ޒަމާން ފާއިތުވެ އިޖްތިމާޢީ ޢަދާލަތު ޤާއިމުވެ މޫނު ބުރުގާއާމެދު އޮތް ތަފާތު ކުރުން ނެތިވެގެން ދިއުމަކީ އަންހެނުންގެ ވަޒީފާގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ފަހިވި ފުރުޞަތެއް،” މިހެން ވިދާޅުވެ އިސްލާމިކް މިނިސްޓަރު ވަނީ “އެކްސް” މެދުވެރިކޮށް ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
އަލަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވަނީ، ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުންގެ ނަމާއި މަޤާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގް ބޭނުންކުރަންވާނެ ކަމަށެވެ.
މީގެ ކުރިން، ބައެއް ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައުމުން ފިޔަވަޅު އަޅައި ގެއަށް ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މި އިސްލާހާއެކު، އިސްލާމީ ޤައުމެއްގައި އިސްލާމީ އުސޫލުތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

