މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން ޗެނަލް13 އަށް ފިޔަވަޅު އަޅައި، ރާއްޖެ ޓީވީއަށް އިންޒާރު ދީފިއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ދެ ޗެނަލުން ވަކިވަކިން ބްރޯޑްކާސްޓް ކުރި ކޮންޓެންޓްތަކަކާ ގުޅިގެންނެވެ.
ޗެނަލް13 އަށް ފިޔަވަޅު އަޅާފައިވަނީ އޭޕްރިލް 17 ވަނަ ދުވަހު ގެނެސްދިން “ދަ ފްރޮންޓް އޮފީސް” ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރި ބައެއް ވާހަކަތަކުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވިގެންނެވެ. މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަހު އެ ޗެނަލަށް އަންގާފައިވަނީ މާދަމާ ރޭ 8:00 އިން 10:00 އަށް ދެ ގަޑިއިރަށް ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށެވެ.
ރާއްޖެ ޓީވީއަށް އިންޒާރު ދީފައިވަނީ މާރިޗް 12 ވަނަ ދުވަހުގެ ރޭ 22:10 ގައި ބްރޯޑްކާސްޓްކުރި “އެމްޑީޕީ ކުއްލި އެއްވުން” ގެ ކޮންޓެންޓުގައި ކުޑަކުދިންގެ ހައްގުތަކަށް އަސަރުކުރާފަދަ މަންޒަރުތަކެއް ހިމެނޭ ކަމަށް ބެލެވޭތީއެވެ. މި މައްސަލައިގައި ކޮމިޝަނުން ބެލީ 22:43:50 އިން 22:44:45 އަށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ރާއްޖެ ޓީވީއަށް ފޮނުވި އިންޒާރުގައި ބަޔާންކޮށްފައިވަނީ މިފަދަ ކަމެއް އަލުން ތަކުރާރުވެއްޖެނަމަ، މައްސަލައިގެ ޒާތަށާއި ހައްސާސްކަމަށް ރިއާޔަތްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މި ދެ މައްސަލައިގައިވެސް އެމްބީސީން ފިޔަވަޅު އަޅާފައިވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބްރޯޑްކާސްޓަރުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްބީސީން ގޮވާލާފައިވެއެވެ.

