ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށައިފައެވެ.
މިގޮތުން މިއަދު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުންތަކުގައި މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންގ ދާއިރާގެ ފަރާތްތައް ބައިވެރިވިއެވެ. މި ބައްދަލުވުންތަކުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލޯނު ސްކީމަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. “މިއީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވޭ މުހިންމު މަސައްކަތެއް،” އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި ލޯނު ސްކީމް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މި ސްކީމް ހުޅުވާލެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ސްކީމް ފަރުމާކުރެވޭނީ ދާއިރާގެ ފަރާތްތަކުގެ ޚިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި ސްކީމްގެ ދަށުން މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންގ ދާއިރާގެ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެއެވެ.

