އައްޑޫ ސިޓީގެ ތައުލީމީ ދާއިރާއަށް 23 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި އިންޑިއާގެ ޓީޗަރު، ޝާޖިމަންތު ސީބީ ނިޔާވެއްޖެއެވެ. އައްޑޫ ހައިސްކޫލުގައި ބިޒްނަސް ސްޓަޑީޒް ކިޔަވައިދެއްވަމުން އައި އަދި އެ ސްކޫލްގެ ފެކަލްޓީ އޮފް ބިޒްނަސް އެންޑް ހިއުމެނިޓީގެ އެޗްއޯޑީގެ މަޤާމު ފުރުއްވަމުން ގެންދެވި ޝާޖިމަންތު ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނުގައެވެ.
އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމު އޮންލައިންމައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝާޖިމަންތު ނިޔާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ހަށިކޮޅު ވީހާވެސް އަވަހަކަށް އުފަން ޤައުމު އިންޑިއާއަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިޖުރާއަތުތައް ނިމުމާއެކު ފޮނުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.
1995 ވަނަ އަހަރު އޭރުގެ ސަދަން ސެކަންޑަރީ ސްކޫލް (މިހާރުގެ ޝަރަފުއްދީން ސްކޫލް) ގައި ކޮމާސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޝާޖިމަންތު އަކީ، ދަރިވަރުންގެ ލޯތްބާއި ގަދަރު އެންމެ ފުރިހަމައަށް ހޯއްދަވާފައިވާ ހިތްހެޔޮ މުދައްރިސެކެވެ. 2011 ވަނަ އަހަރު އައްޑޫ ހައިސްކޫލަށް ބަދަލުވެވަޑައިގެން، އެ ސްކޫލުގައި ބިޒްނަސް ސްޓަޑީޒް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.
ޝާޖިމަންތު އަކީ ދިމާވާ ކޮންމެ މީހަކާވެސް ހިނިތުންވުމާއެކު މުއާމަލާތްކުރައްވާ، ނަމޫނާ މުދައްރިސެކެވެ. އޭނާއަކީ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރައްވާ، ހީވާގި އަދި ކުޅަދާނަ މުދައްރިސެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އައްޑޫގެ ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވާ ޝާޖިމަންތު އަކީ އެ ދަރިވަރުންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މަރުޙޫމާ ޝާޖިމަންތުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

