ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންދެވުނީ ޝެރެޓަން ދޯހާގައެވެ.
ރައީސް ޑރ. މުއިއްޒު ގަތަރަށް ވަޑައިގެންނެވީ ރޭގައެވެ. އެމަނިކުފާނު ގަތަރަށް ވަޑައިގެންނެވީ މި މަހުގެ 9 ވަނަ ދުވަހު އިސްރާއީލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ސަމިޓުގައި ރައީސް ޑރ. މުއިއްޒު ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިސްރާއިލުން ގަތަރަށް ދިން ހަމަލާގައި ބަޔަކު ޝަހީދުވުމާ ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެ، ގަތަރު ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ގަތަރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖެއާއި ގަތަރުގެ ދެމެދުގައި އޮތް ގާތް ގުޅުން، އިސްލާމީ އުންމަތުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ދެ ދައުލަތް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ. ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވެސް ހުންނެވީ ގަތަރުގައެވެ.

