އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމުޢިއްޔާއިން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިމަހުގެ 15 އިން 19 އަށް ކުރިއަށްދާ އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދު ވަނީ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖޭގެ އެޕްލިކޭޝަން ބަލައިގަތުމާ ގުޅިގެން ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވާފައެވެ.
އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، “ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަޤުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ.” އަދި އައިއޭއީއޭގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ޤައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއްކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއިން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އައިއޭއީއޭގެ މެންބަރު ޤައުމަކަށް ވުމަށް ހުށަހެޅި ހުށަހެޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުން ހިމެނެއެވެ.
1957 ވަނަ އަހަރު ޤާއިމުކުރެވުނު އައިއޭއީއޭ އަކީ އަސްކަރީ މަޤްޞަދުތަކަށް ނިއުކްލިއަރ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

