ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލުގެ ދަށުން ރެގިއުލޭޓްކުރެވޭނީ ހަމައެކަނި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެކަނި ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ މަޢުލޫމާތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މި ބިލުގެ ސަބަބުން ޢާންމު ރައްޔިތުން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތާއި ކޮންޓެންޓް ކްރިއޭޓަރުންގެ މަސައްކަތްތައްވެސް ރެގިއުލޭޓްކުރެވޭނެ ކަމަށެވެ.
“ސޯޝަލް މީޑިއާގެ ވާހަކަދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓްކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ ޢާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިންގެ ނަމުގައި ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ތިބި ބަޔަކު ބިލުގައި ނެތް ކަންތައްތަކެއް އޮތްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މީޑިއާ ބިލާ މެދު އެކި ނޫސްވެރިން ޚިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ބިލާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

