އިޒްރޭލުން ހިސާރުކޮށްފައިވާ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ސްމޫދު ފްލޮޓިލާ އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުތަކުގައި ތިބި މިހުން ހައްޔަރުކޮށްފިއެވެ. “ގްލޯބަލް ސުމޫދު ފްލޮޓީލާ” ގެ 40 އަށް ވުރެ ގިނަ އުޅަނދު ރޭ ހުއްޓުވީ އިޒްރޭލުން ބަންދުކޮށްފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެކުގައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) ގެ ބައެއް އުޅަނދުތައް “ރައްކާތެރިކަމާއެކު ހުއްޓުވައި” އެ އުޅަނދުތަކުގައި ތިބި މީހުން އިސްރާއީލުގެ ބަނދަރަކަށް ގެންދެވެމުންދާ ކަމަށެވެ.
ސިޔާސީ މީހުންނާއި އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ހިމެނޭހެން 500 ވަރަކަށް މީހުން ބައިވެރިވާ ދަތުރު ހުއްޓުވުމަށް ފަހު އިޒްރޭލުގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ވަނީ ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ޕޯސްޓްކޮށްފައެވެ.
އިސްރާއީލު ސަރުކާރުން އިތުރަށް ބުނެފައިވަނީ އެ އުޅަނދުތައް “ހަނގުރާމައިގެ ސަރަހައްދަކާ” ކައިރިވަމުންދާތީ، ދަތުރުގެ މަގު ބަދަލުކުރުމަށް ކަނޑުގެ ބާރުތަކުން އަންގާފައިވާ ކަމަށެވެ.
އިޒްރޭލުން ބުނަމުންދަނީ “ހަމާސްއާ ހަނގުރާމަކުރާއިރު” ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކަމަށާއި އެ ސަރަހައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.

