މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) މެދުވެރިކޮށް ހިންގުމުގެ ހުއްދަ ދީފިއެވެ.
މި ހުއްދަ ދިނުމާ ގުޅިގެން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނަރުން މެދުވެރިކޮށް އެއިމްގައި ހިންގުމުގެ ފުރުސަތު އެމްއޭސީއެލަށް ލިބިގެންދާނެއެވެ.
“މިއީ ރާއްޖޭގެ އޭވިއޭޝަން އަދި އެ ކުންފުންޏަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް، ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމަށާއި، އޭވިއޭޝަން ދާއިރާ މިހާރަށް ވުރެ ވަރުގަދަ ކުރުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް،” އެމްއޭސީއެލްއިން މިކަމާ ގުޅޭގޮތުން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

