ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ސިޓީ މިއަދު ރިޔާސަތުން އިއްވާފައިވާއިރު، އެ ސިޓީގައިވަނީ އެންއައިސީގެ ހަތަރު މެންބަރުންގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެ ކަމަށާއިި އެހެންކަމުން އެ މަގާމްތަކަށް މެންބަރުން އައްޔަންކުރުމަށް ޓަކައި ނެޝަނަލް އިންޓްރިޓީ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިއުލާނުކުރުމުން އިޖާބަދިން ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަންކުރުމަށް ރައީސްއަށް ފެންނަ ބޭފުޅުންގެ ނަންތައް ފޮނުވާ ކަމަށެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ޝުވެއިބް އަބްދުއްރަހްމާން، ޝިފާޒް އަލީ، އަލީ މުހައްމަދު މަނިކު އަދި ފާތިމަތު ޝަރީފުގެ ނަމެވެ.
ރައީސް ވަނީ ސިޓީގައި ވަނީ އެ ނަންތައް ދިރާސާކޮށް މަޖިލީހުގެ މެންބަރުނަށް ފެނިވަޑައިގަންނަވާ ގޮތެއް އެންގެވުމަށެވެ. ރިޔާސަތުން ވަނީ އެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

