“ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ” މިއަދު އިފްތިތާހުކޮށްފިއެވެ. މިއީ ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އަމާޒުކޮށް، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓަޖީ އެކެވެ.
“ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ” އިފްތިތާހު ކުރުމުގެ ރަސްމީއްޔާތު ބާއްވައިފައިވަނީ ހެލްތް މިނިސްޓްރީގައެވެ. މި ރަސްމިއްޔާތުގައި ސްޓްރެޓަޖީ އިފްތިތާހުކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް، ޑރ. އަހްމަދު އަޝްރަފެވެ.
މި ސްޓްރެޓެޖީގެ މައިގަނޑު މަގުޞަދަކީ ދުޅަހެޔޮކަން ކުރިއެރުވުމާއި، ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނައަށް ނުރައްކާވުމުގެ މިންވަރު ކުޑަކުރުމާއި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ކަންކަމުގައި މުޖުތަމަޢު ބައިވެރިކުރުވުމާއެކު، ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އަވަސް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ސްޓްރެޓެޖީގެ ސަބަބުން، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އަވަހަށް ދެނެގަނެވޭނެއެވެ. މީގެ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރިފަރަލްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުމާއެކު، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ.

