މަސްޖިދުއްނަބަވީގެ އިސް ޤާރީ އަދި މި ޒަމާނުގެ ޤިރާއަތުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އިލްމުވެރިންގެ ތެރެއިން ބޭކަލެއް ކަމުގައިވާ ޝައިޚް ބަޝީރު އަޙްމަދު ޞިއްދީޤު މިއަދު ފަތިހު ސަޢޫދީ ޢަރަބިއްޔާގައި އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 90 އަހަރެވެ.
އިންޑިއާގައި އުފަންވެ، ޅައުމުރުފުރައިގައި މަދީނާއަށް ހިޖުރަކުރެއްވި ޝައިޚް ބަޝީރު އަޙްމަދު ޞިއްދީޤު، އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ވަޤްފުކުރެއްވީ މަސްޖިދުއްނަބަވީގައި ކީރިތި ޤުރްއާން އުނގަންނަވައިދެއްވުމުގެ މަސައްކަތަށެވެ. ﷲގެ ފޮތުގެ ޚިދުމަތުގައި އަދި 10 ޤިރާއަތު އުނގަންނަވައި ދެއްވުމުގައި އެމަނިކުފާނު ވަނީ 60 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.
ޝައިޚް ބަޝީރުގެ އަރިހުން ޤުރުއާނުގެ ޢިލްމު އުނގެނިވަޑައިގަތް ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް މުޙައްމަދު އައްޔޫބާއި، މަސްޖިދުލް ޙަރާމްގެ އިމާމު ޝައިޚް ޢަލީ ޖާބިރު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނަކީ ޤުރްއާނުގެ ރިވާޔަތްތައް އުނގަންނައިދެއްވުމުގައި ވަރަށް ދަޤީޤު އަދި އިސްނާދުތައް ހިފެހެއްޓެވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވި ބޭކަލެކެވެ.
އެމަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން މިއަދު ފަތިސް ނަމާދަށްފަހު މަސްޖިދުއްނަބަވީގައި ޖަނާޒާ ނަމާދު ބޭއްވުނެވެ. ޢިލްމުވެރިންނާއި، ދަރިވަރުންނާއި އެމަނިކުފާނަށް ލޯބިވާ އެތައް ބަޔަކު މި ޖަނާޒާގައި ބައިވެރިވިއެވެ. މިއީ އެމަނިކުފާނުގެ ޢިލްމީ އަދި ރޫޙާނީ މަޤާމު ދައްކުވައިދޭ މަންޒަރެކެވެ.
“إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ”.

