ފެނަކަ ކޯޕަރޭޝަންއާ ގުޅޭ 161 މައްސަލައެއްގައި ހިމެނޭ 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އޭސީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ ތަހުގީގީ އިހްތިސާސްއަށް ފެތޭ މައްސަލަތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަކުރި ގޮތުގައި 2021، 2022 އަދި 2023 ވަނަ އަހަރު ފެނަކައިން 2.2 ބިލިއަން ރުފިޔާގެ ވައްކަން ވަނީ ކޮށްފައެވެ.
އޭސީސީން އިތުރަށް ހާމަކުރި ގޮތުގައި ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް އެ ކުންފުންޏަށް އަންގާފައިވެއެވެ. މީގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމެއް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުން، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

