ވޭޕްގެ އެކި މައްސަލަތަކުގައި މިދިޔަ ސެޕްޓެންބަރުމަހުގައި 24 މީހަކު ޖޫރިމަނާކޮށް، 13 މައްސަލައެއް ރިޕޯޑުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން އާންމުކުރައްވާފައިވާ ސެޕްޓެންބަރު މަހުގެ ވޭޕާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރިޕޯޓުކުރި 13 މައްސަލައިގެ ގެތެރޭގައި އިލެކްޓްރޯނިކް ވޭޕާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 6 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 3 މައްސަލައެއްގެ އިތުރުން ވޭޕާ ގުޅޭ އެހެނިހެން 4 މައްސަލައެއް ހިމެނެއެވެ.
މިދިޔަ މަހު 24 މީހަކުވަނީ ޖޫރިމަނާކޮށްފައިވާއިރު، މިމައްސަލަތަކުގައި ޖުމްލަ 136،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށާއި، މީގެތެރޭގައި ހިމެނެނީ ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 10 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 41،000 ރުފިޔާއެވެ. އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 95،500 އަރާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށްވަނީ އިސްލާޙުގެނެސްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ވަނީފަށާފައެވެ.

