އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވި ގޮތުގައި، މިއަހަރުގެ ބޯނަސް ދިނުމަށް ނިންމާފައިވަނީ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނެވެ. “މިދިޔަ އަހަރަކީ އާ ޓާމިނަލް ހުޅުވުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމަށް މުވައްޒަފުން އެންމެ ބުރަކޮށް މަސައްކަތްކުރި އެއް އަހަރު،” އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ ވޭތުވެދިޔަ ފަސް އަހަރު ވެސް އެމްއޭސީއެލްއިން މުވައްޒަފުންނަށް ދެމުން އަންނަ އަދަދެވެ. މުވައްޒަފުންނަށް ބޯނަސް ދިނުމުގައި މިދިޔަ އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރަށް ބަލާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި މިވަގުތު 5،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. 2023 ވަނަ އަހަރު އެމްއޭސީއެލްއަށް ވަނީ އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެމްއޭސީއެލްގެ މާލީ ހިސާބުތަކުން ދައްކާގޮތުން، 2023 ވަނަ އަހަރު ކުންފުންޏަށް 903 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާއިރު، މިއީ 2022 ވަނަ އަހަރަށްވުރެ 192 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ

