އެމްޑީޕީގެ ވެރިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ 2019 އިން 2023 އާ ދެމެދު އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިކަން އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ހިޔާނާތުގެ ތެރޭގައި ކުންފުނީގެ މުދަލުން ވައްކަންކުރުމާއި، ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކުންފުންޏަށް ގެއްލުންވާގޮތަށް ކުންފުނީގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން ކުންފުނީގެ އިޖުރާއަތްތަކާއި އުސޫލުތަކާ ހިލާފަށް ބިން ވިއްކާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
އެޗްޑީސީން މި މައްސަލަ ހުށަހެޅުމާއެކު، މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އަދި ވެމްކޯ ފަދަ ސަރުކާރުގެ އެހެން ކުންފުނިތަކުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާކަން އޮޑިޓްތަކުން ވަނީ ހާމަވެފައެވެ. މި މައްސަލަތައްވެސް މިހާރު ދަނީ ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަމުންނެވެ.

