މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް 123.73 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ހާމަކުރައްވައިފިއެވެ.
އޭސީސީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އެމްއެމްޕީއާރުސީ މައްސަލައިގައި މިވަގުތު 37 ތަހުގީގެއް ކުރިއަށްދާއިރު، 161 މައްސަލައިގެ ތަހުގީގު ނިންމައި ގޮތެއް ނިންމުމުގެ މަރުހަލާގައި އޮތް ކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން މިހާތަނަށް 123,732,662.00 ރުފިޔާ އަނބުރާ ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައިވާކަން އޭސީސީން ފާހަގަކުރައްވާފައިވެއެވެ.
އޭސީސީން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިން ކުރިއަށް ގެންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި، މިނިވަންކަމާއެކުގައެވެ.
އަދި މި މައްސަލަތަކުގެ ތަހުގީގުތައް އަވަސްކޮށް، ވަކި ފަރާތަކަށް ބުރަނުވެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭސީސީން ޔަގީންކަން ދެއްވާފައިވެއެވެ.

