ހއ. ހޯރަފުށީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ހޮޅި އަދި ކާބްސްޓޯން އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 8 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެތެރޭގެ މަގުތަކުގައި 12،245 އަކަމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރޭގައި ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރު މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ކޭބަލް ޖަންކްޝަން އަދި ސާވިސް ލައިން ވަޅުލުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޭޕްރީލް 2024 ގައެވެ. މި މަޝްރޫއުގެ އަގަކީ 30.46 މިލިއަން ރުފިޔާއެވެ.
ހޯރަފުށީ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުގެ ދަށުން 5.3 ކިލޯމީޓަރުގެ 11 މަގެއް ހަދާފައިވެއެވެ. އަދި 25,909 އަކަމީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމްކޮށް، 11,114 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައިވެއެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

