މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ކުޅިވަރު ވުޒާރާގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ސްކޭޓްގެ ހަރަކާތް ހިންގަމުންދާ ފަރާތްތަކާއި ގިނަ އަދަދެއްގެ ސްކޭޓަރުންނާއި ބެލެނިވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އާރްސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެރީނާގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ޤާއިމުކުރެވޭނެއެވެ.
ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ރާއްޖޭގެ ދުއްވުންތެރިން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތަކެއް ހޯދަމުންނެވެ.
މި އެރީނާއަކީ ރާއްޖޭގެ ސްކޭޓް ދުއްވުންތެރިންގެ ވަރަށް ދުވަސްވީ ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދާނެ މަޝްރޫޢެކެވެ. މި އެރީނާ މެދުވެރިކޮށް އިތުރު ހުނަރުވެރި އެތުލީޓުން އުފެދި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ނަން އިތުރަށް މަތިވެރިވެގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ.

