މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހިންގި އިންސްޕެކްޝަން އޮޕަރޭޝަނެއްގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ މިންގަނޑަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދީފިއެވެ.
މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގައި ހުރި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފެށި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. މި އޮޕަރޭޝަންގައި ޖުމްލަ 1،010 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
އެމްއެފްޑީއޭގެ ފަރާތުން ހާމަކުރި ގޮތުގައި، އިންސްޕެކްޝަން ހެދި ތަންތަނުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނާއި، ހުއްދައިގެ މުއްދަތު ހަމަވެ ހުއްދަ އައު ނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން، އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަން ހިމެނެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، ބަންދުކުރެވުނު 70 ތަނުގެ ތެރެއިން 27 ތަނަކުން ވަނީ ހުއްދަ އައުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައެވެ. މި ތަންތަނަށް މިހާރު ވަނީ ހުއްދަ ދޫކުރެވިފައެވެ.
މި އޮޕަރޭޝަނަކީ ރައްޔިތުންނަށް ރައްކާތެރި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއްގެ ގޮތުގައި އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.

