ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ބޮޑުބައި މިހާރު ނިންމާލާފައިވާއިރު، މިއަދު ދުވާރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި މި މަޝްރޫޢުގެ 51 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ ތެރޭގައި ބަނދަރު ފުންކުރުމާއި ބްރޭކްވޯޓަރގެ ޕްރޮފައިލިންގގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން 76.44 މިލިއަން ރުފިޔާގެ އަގުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޓީމް މޮބިލައިޒް ކުރީ މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން 96,700 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ދަށުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

