ފަގީރުންގެ ދަފްތަރުގައި ހައްޖަށް ނުގޮސް ތިބި 376 މީހުން، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ހައްޖަށް ފޮނުވާ ނިންމާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ސަރުކާރުގެ ޚަރަދުގައި 1،000 މީހުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ދަށުން މިހާތަނަށް ވަނީ 100 މީހުން ހައްޖަށް ފޮނުވާފައެވެ. މި ވައުދުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ހޮވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، “މި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ފަރުޟު ހައްޖު ނުކޮށް ތިބި 100 ފަގީރުން ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާފައި” ކަމަށެވެ.
އަދި އެ ވުޒާރާއިން އިތުރަށް ބުނީ، “މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވާ ނިންމާނެ” ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ދެވެނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަދި ފަރުޟު ހައްޖު އަދާނުކުރާ ފަރާތްތަކަށެވެ. އެގޮތުން މިވަގުތު ދަފްތަރުގައި ފަރުޟު ހައްޖު އަދާނުކޮށް ތިބީ 376 މީހުން ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

