ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފިއެވެ.
ވައްޑެ އަށް މި މަގާމު ލިބިވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ. ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ރައީސް އަދި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދިވަޑައިގަތުމަށްފަހު ޕީއެންސީގައި ސޮއިކުރައްވާފައެވެ.
“ރައީސްގެ ދެކަނބަލުންނަށް ބޭއަދަބީ ބަހުން، ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެވުނީ ސިޔާސީ ޖޯޝުގައި،” ވައްޑެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އޭރު އެފަދައިން ވާހަކަފުޅު ދެއްކެވީ އެވަގުތު ލިބިވަޑައިގެންނެވި މައުލޫމާތުތަކަށް ބިނާކޮށެވެ. އަދި މިހާރު އެ މައުލޫމާތުތަކަކީ ހަގީގަތާ މުޅިން ހިލާފު މައުލޫމާތުތަކެއްކަން ކަށަވަރުވެފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

