45 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ދެއްވުމަށް ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ ހުޅުވާލައިފައެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ. މި އެވޯޑުތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްވާ ފަރާތްތަކަށެވެ.
އެވޯޑުތަކަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް:
ކެޔޮޅުންގެ އެވޯޑަށް:
- 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުންނަށް
- 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅުންނަށް
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅެންވާނެ
- މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރާ ފަރާތަކަށް ވާންވާނެ
ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް:
- އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ފަރުމަހުގެ މަސްވެރިކަން ކަމުގައިވުން
މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 23 އޮކްޓޯބަރު 14:00 ގެ ކުރިން މިނިސްޓްރީއަށް ފޯމު ހުށަހަޅަންވާނެއެވެ. އެވޯޑުތަކަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް މި އެވޯޑުތަކަށް ނަން ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

