ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެ ސިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ. އަދި އެ ފަރާތްތަކުގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
“ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ގައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް މި ސިނާއަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން.”، ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އޮކްޓޯބަރ 3 ޤައުމީ ޓޫރިޒަމް ދުވަހުގެ ގޮތުގައި، ފާހަގަ ކުރަނީ ޓޫރިޒަމް ސިނާއަތުގެ ރަސްމީކޮށް ފެށުނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރ 03 ގައި ކަމަށް ވާތީއެވެ. ދިވެހިރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން ޒިޔާރަތްކޮށް، ފުރަތަމަ ޓޫރިސްޓް ރިސޯޓް، އޭރު ކުރުނބާ ވިލެޖްގެ ނަމުގައި މާލެ ކައިރީގައި ހުޅުވުނީ އެދުވަހުއެވެ.

