މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަބޯޓް، މަހާޖައްރާފު މަރާމާތު ކުރުމަށް އެތައް ގުނައެއް އިތުރަށް ފައިސާ ހަރަދުކޮށް އެމްޑީޕީގެ ސަރުކާރުން ހިންގި ޚިޔާނާތުތެ މައްސަލައެއްގެ ތަހުޤީޤު ހިންގައިދޭން އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ، މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި ކޮޮރަޕްޝަނަށް މަގުފަހިވާގޮތަށް ޚަރަދުކޮށްފައިވާކަން އިންޓަރނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުގައި މަހާޖައްރާފު މަރާމާތު ކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެހެންކަމުން އެގޮތަށް އެ ޚަރަދުކޮށްފައިވާކަން ކުންފުނީގެ އިންޓާނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށާއި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާ ކުންފުނީގެ ޤަވާޢިދުތަކާއި އުސޫލުތަކާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ތަޙުޤީޤުކޮށް ދިނުމަށް އޭސީސީގައި ރަސްމީކޮށް އެދިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެ މައްސަލަވެސް ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް އެދިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް އިހުމާލުވެފައިވާ މައްސަލަ ތަހުގީގުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށް ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

