އެމްޑީޕީން ރާވާފައިވަނީ ސީދާ ފުލުހުންނާ ކުރުމަތި ލުމަށާ ކަމަށާއި، ދިވެހީންގެ ގައުމު ހަލަބޮލި ކުރުމަށް ރައްޔިތުންގެ ސަޕޯޓެއް ނުލިބޭނެ ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ސުޖާއު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު “ލޫޓޫވައިފި ލޫޓޫވައިފި” ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުން ދަނިކޮށެވެ.
މެންބަރު ސުޖާއު ވިދާޅުވީ އެމްޑީޕީން ރާވާފައިވަނީ ސީދާ ފުލުހުންނާ ކުރުމަތި ލުމަށާ ކަމަށާއި، ދިވެހީންގެ ގައުމު ހަލަބޮލި ކުރުމަށް ރައްޔިތުންގެ ސަޕޯޓެއް ނުލިބޭނެ ކަމަށާއި، މިއަދު ކުރަން އުޅެނީ މުޒާހަރާއެއް ކަމަށާއި، އެއީ ޖަލްސާއެއް ކަމަށް މިހާރު އިސްތިހާރު ބަދަލު އެކުރީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަަށެވެ.
އެމްޑީޕީން ރާވާފައި އޮތީ ސީދާ ފުލުހުންނާ ކުރިމަތިލައި އަނިޔާވެރި ވުމަށް ކަމަށާއި، އަދި އެކަން ރައްޔިތުންލައްވާ ކުރުވުމަށްފަހު ބޮޑުން ފިލާނެ ކަމަށާއި، އެއީ އަބަދުވެސް އެމްޑީީޕީން ރާވާރޭވުން ކަަމަށާއި ރައްޔިތުންގެ ލައްވާ އެމްޑީޕީން ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، އެރައްޔިތުންނަށް އަދަބު ލިބުނު ވަގުތު އެމްޑީޕީން އެރައްޔިތުންނާއި އާއިލާތަކަށް އަޅާވެސް ނުލި ކަމަށް މެންބަރު ސުޖާއު ވަނީ ވިދާޅުވެފައެވެ.
މެންބަރު ސުޖާއު ވިދާޅުވީ އެންމެފަހުން ނަތީޖާއަކަށްވީ އެރައްޔިތުން ޖަލުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުން ކަމަށެވެ. އަދި މިއަދު ރައްޔިތުން ވިސްނަންވީ މިފަދަ ކަންކަމާއި ދުރުހެލިވުމަށް ކަމަށާއި، އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ޕާޓީއެއް ނޫން ކަމަށް ވެސް ވަނީ މެންބަރު ސުޖާއު ވިދާޅުވެފައެވެ.
އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އާއި ގުޅިގެން،ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއް ކުރައްވާފައެވެ.
ގާސީމް ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށެވެ.

